ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޙަފްލާތަކުގެ ތެރެއިން، އުތީމު ކައުންސިލުން ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތަކާއި ރަށުގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިސްރަށްވެހީންގެ ހަވީރެއް ބާއްވައިފިއެވެ.
ދުވަސް ފެށިގެން ދިޔައީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިޔާތުންނެވެ. މި ރަސްމިޔާތުގައި ކައުންސިލްގެ މެންބަރުންނާއި، ސްކޫލް ދަރިވަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން އަދި ރަށުގެ ރައްޔިތުން ބައިވެރިވެފަވެއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކައުންސިލުން ރަށުގެ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިސްރަށްވެހިންގެ ހަވީރެއް ބޭއްވިއެވެ. މި ހަފްލާއަކީ އުތީމުގެ ތާރީޚާއި، ސަގާފީ އާދަކާދަތަކާއި، އަދި ކުރީގެ މިނިވަން ދުވަހުގެ ފާހަގަކުރުންތަކާ ގުޅޭ އަމިއްލަ ހަނދާންތައް ދުވަސްވީ މީހުން ހިއްސާކުރި ހިތްފަސޭހަ ހަފްލާއެކެވެ.
ދުވަސް ނިންމަވާލެއްވުމުގެ ގޮތުން ކައުންސިލުންވަނީ އިސްރައްވެހީންނަށް ބަގީގައި ރަށުތެރެ ދައްކާލުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ކައުންސިލްގެ ރައިސް ވެސް ވަނީ ބައިވެރިވެ އިސްރައްވެހީންނާ އެކު ރަށުތެރެ ބައްލަވާލައްވާފައެވެ.