ހއ.އަތޮޅު ކައުންސިލާއި އުތީމު ކައުންސިލް ގުޅިގެން 2022 ޖަނަވަރީ 20 އިން 27 އަށް ކުރިއަށް ގެންދިޔަ އެސް.ޓީ.އޯ ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފިއްލަދޫ ކައުންސިލް ޓީމް ހޯދައިފިއެވެ. ފައިނަލް މެޗްގައި ފެނެކަ މުރައިދޫ ބްރާންޗް ޓީމް އާއި ވާދަކޮށް 3 : 4 ލަނޑުން ކުރިހޯދައިގެން ފިއްލަދޫ ކައުންސިލް ޓީމް ވަނީ މެޗް ކާމިޔާބު ކޮށްފައެވެ. އެގޮތުން ފެނަކަ މުރައިދޫ ބްރާންޗް ޓީމް މުބާރާތުގެ ރަނަރަޕް ޓީމަށް ހޮވިފައިވާއިރު ތުރާކުނު ކައުންސިލް ޓީމް ވަނީ މުބާރާތުގެ ފެއަރ ޕްލޭ ހޯދާފައެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ފިއްލަދޫ ކައުންސިލް ޓީމްގެ ޖާރޒީ ނަންބަރު 10 މުޙައްމަދު ހުޝާމް އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ގޮތުގައި ހިމެނިފައިވަނީ ފިއްލަދޫ ކައުންސިލް ޓީމްގެ ޖާރޒީ ނަންބަރު 7 ޢަބްދުﷲ އިހުވާން އަދި ޖާރޒީ ނަންބަރު 10 މުޙައްމަދު ހުޝާމް، ފެނަކަ މުރައިދޫ ބްރާންޗް ޓީމްގެ ޖާރޒީ ނަންބަރު 5 އަސްރާރު ޢަބްދުﷲ އަދި ޖާރޒީ ނަންބަރު 1 ޢަބްދުﷲ ޢަބްދުލް އަޒީޒް އަދި ތުރާކުނު ކައުންސިލް ޓީމްގެ ޖާރޒީ ނަންބަރު 8 އަޙްމަދު ސިރާޖް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗް އަކަށް ހޮވިފައިވަނީ ފިއްލަދޫ ކައުންސިލް ޓީމްގެ ކޯޗު މުޙައްމަދު ޖައުފަރު އެވެ. އަދި، މިއަހަރުގެ މުބާރާތުގެ ކިންގް އޮފް ޓޯނަމެންޓް އަށް ހޮވިފައިވަނީ ފިއްލަދޫ ކައުންސިލް ޓީމްގެ ޖާރޒީ ނަންބަރު 7 ޢަބްދުﷲ އިހުވާން އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000ރ، ރަނަރަޕް ޓީމަށް 15,000ރ އަދި ފެއަރ ޕްލޭ ޓީމަށް 10,000ރ ގެ ފައިސާގެ އިނާމު ދިނުމަށް ހަމެޖެހިފައި ވެއެވެ. ފައިނަލް މެޗް ޝަރަފްވެރި ކޮށްދެއްވައިފައިވަނީ އޮލިމްޕިކް ކޮމިޓީ އަދި ސްވިމިން އެޝޯސިއޭޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ޢަބްދުއް ސައްތާރު އެވެ. މިއީ، އަތޮޅު ފެންވަރުގައި މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ފޯރިގަދަ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ހޯސްޓް ކުރެވިފައިވަނީ ހއ.އުތީމު ކަލާފާނު ސްޓޭޑިއަމް ގައެވެ.