އެމްޑީއެންގެ ރިޕޯޓް އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފި
އެމްޑީއެން އިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށާއި އިސްލާމްދީނަށް ފުރަށްސާރަކޮށް ނެރެފައިވާ ރިޕޯޓް ހއ އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ.
އެމްޑީއެން އިން “ ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމުކުރި ރިޕޯޓާއި ގުޅޭގޮތުން އުތީމު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާއިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދާ، މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ އަބުރުފުޅާއި ކަރާމަތައް އިހާނެތިކޮށްހިތާ، މިދެންނެވި ރިޕޯޓުގައި ހިމަނާފައިވާކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި މިޢަމަލު އެ ކައުންސިލާއި، އުތީމު ރައްޔިތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.
ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މިފަދަ ދަރަޖައަކަށް މިކަން ދިއުމަކީ ނުހަނު ހިތާމަކޮށް ކަންބޮޑުވާކަމަށްވެސް ރިޕޯޓުގައި ބުނެފައެވެ.
މިޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި، ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 އަދި 20 ވަނަ މާއްދާއާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫމާތުގެ 617 ވަނަ މާއްދާއާއި ހިލާފު ޢަމަލެއް ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.
އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ޙައްޤު އަދަބު އެމްޑީއެންގެ ރިޕޯޓު ނެރުނު ފަރާތްތަކަށް ދިނުމަށް މިހާރުން މިހާރަށް ދިވެހިރާއްޖޭގެ ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް އުތީމު ކައުންސިލުން ވަނީ ގޮވާލައިފައެވެ. އަދި މިފަދަ ޢަމަލުތަށް ތަކުރާރުވިޔަ ނުދިނުމަށް އިސްލާމީ ޝަރީޢަތުގައި ވާގޮތުގެ މަތިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަށް އަވަހަށް އެޅުމަށް ދަޢުލަތުގެ ކަމާބެހޭ މުޢައްސަސާތަކަށާއި ދިވެހިރާއްޖޭގެ ރައީސް ސޯލިހް އަށް ވަނީ އިލްތިމާސް ކޮށްފައިވެއެވެ.
ވަރަށް ގިނަ ކައުންސިލް ތަކުންނާއީ އާއްމު ރައްޔިތުން ދަނީ އެމްޑީއެން އާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާމުންނެވެ. ޖަމިއްޔާތުކުގެ ކަންކަން ބަލަހައްޓާ ޔޫތު މިނިސްޓްރީން ބުނެފައިވަނީ އެ ޖަމިއްޔާ އަށް ހަރަކާތްތެރި ނުވެވޭނެހެން މިހާރު ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.