އުތީމުން ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރިވި ފުރަތަމަ އަހަރު ހއ.އަތޮޅުގެ ޗެންޕިއަންކަން ހޯދައިފި
މިހާރު ރާއްޖޭގައި ކުރިއަށްދާ ” ސޮނީ ސްޕޯރޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023″ ގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން އުތީމު ހޯދައިފިއެވެ. މިއީ، މި މުބާރާތުގައި އުތީމުން ބައިވެރިވި ފުރަތަމަ ފަހަރެވެ. މިމަހުގެ 17 ވަނަ ދުވަހުގެރޭ ސެމީ ފައިނަލްގައި ވަށަފަރު ޓީމާއި ވާދަކޮށް ދެޓީމް އެއްވަރު ވުމާއި ގުޅިގެން ޕެނަލްޓީ ޖަހައިގެން އުތީމު ވަނީ މެޗް ކާމިޔާބުކޮށް ފައިނަލް އަށް ދަތުރު ކޮށްފައެވެ. ފައިނަލްގައި ވާދަކުރަން ޖެހުނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން އުތީމުގައި ހޯސްޓްކުރި ތިލައުތުރު ފުޓްސަލަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ހއ.ފިއްލަދޫ ޓީމާއެވެ. ފައިނަލް މެޗްގައި ފިއްލަދޫ ޓީމާއި ވާދަކޮށް 2-1 ގެ ނަތީޖާއިން މެޗް ކާމިޔާބުކޮށް އުތީމު ވަނީ އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައެވެ. ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވިފައިވަނީ އުތީމުގެ ޖާރޒީ ނަންބަރު 10 މުޙައްމަދު އައިހަމް އެވެ.
އުތީމު ޓީމަށް ހިތްވަރުދީ ސަޕޯޓް ކުރުމުގެ ގޮތުން މާލެ، ހުޅުމާލެ، ވިލިނގިލި އަދި މާލެ ކައިރި ރިސޯޓްތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ އުތީމުގެ ރައްޔިތުން ވަނީ މެޗް ބެލުމަށް ދަނޑަށް ހާޟިރުވެފައެވެ. މީގެއިތުރުން، ރަށުގެ ދެ ސަރަޙައްދެއްގައި ބޮޑު ސްކްރީންގައި މެޗް އަޅުވައިގެން ވަރަށް ފޯރިއާއެކު ރައްޔިތުން މެޗް ބަލާފައި ވެއެވެ. އަދި، އުތީމު ޓީމް ޗެމްޕިއަންކަން ހޯދުމާއި ގުޅިގެން ރަށުގެ ރައްޔިތުން ވަނީ އުފާ ފައުޅުކުރުމުގެ ގޮތުން ޕިކަޕް ބުރެއްވެސް ކުރިއަށް ގެންގޮސްފައެވެ.